ސޯޅަ އަހަރުން ދަށުގެ ކުޑަކުދިންނަށް ސޯށަލް މީޑިޔާ ބައެއް އެޕުތައް މަނާކުރަން ގަސްތުކުރަން: ރައީސް
ކުޑަކުދިންނާއި ފުރާވަރުގެ ކުދިންގެ ދުޅަހެޔޮކަން ކަށަވަރުކުރުމުގެ ގޮތުން އުމުރުން 16 އަހަރުގެ ކުދިންނަށް މީސްމީޑިޔާ ބައެއް މަންސަތައް ބޭނުންނުކުރެވޮ ގޮތަށް މަނާކުރުމަށް ގަސްތުކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑަ.މުޖައްމަދު މުވޢިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު ރައީސް އޮފީހުގައި ކުރިއަށްގެންދެވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ޒުވާންކުދިން މީސްމީޑިޔާގެ އެކި މަންސަތަކުގައި ނޭދެވޭ ކަންކަމުގެ ތެރެއަށް ވަނުމުގެ މައްސަލައަކީ ބަވަނަވެފައިވާ މުޅި ދުނިޔެ ތަހައްމަލުކުރަމުންދާ މައްސަލައެއް ކަމަށެވެ. އަދި އެ މައްސަލަ ރާއްޖެއަށްވެސް ކުރިމަތިވެފައިވާ ކަމަށެވެ.
މިސާލެއްގެ ގޮތުން ސައިބާ ބުލީން ނުވަތަ އޮންލައިންކޮށް ބުލީކުރުމަކީ ވަރަށް ނުރައްކާތެރިކަމެއްކަމަށާއި، ކުޑަކުދިން ގްރޫމްކުރުމުގެ އިތުރަށް މީސްމީޑިޔާ މަންސަތަކުގެ ޒަރީއާއިން ކުޑަކުދިންނާ ހަމައަށް ނުރައްކާތެރި އެކި ޖާތުގެ ކޮންޓެންޓުތަކަށް ވާސިލުވުމަށް މަގުފަހިވާކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
"އެހެންވީމާ އަޅުގަންޑުމެން މިއީ އިސްލާމީ މުޖުތަމައަކަށްވާއިރުގައި، މިހާ ކްލޯސް ނިޓެޑް ކުޑަ މުޖުތަމައަކަށްވާއިރުގައި އަޅުގަންޑުމެންގެ ޒުވާންކުދިން ތުއްތުކުދިން މިކަންކަމުން ސަލާމަތްކުރުމަށް މަސައްކަތްތަކެއް ކުރުމަކޣ7 ސަރުކާރުގެ ޒިންމާއެއް، ރައްޔިތުންނާ ގުޅިގެން ފިޔަވަޅެއް އަޅަންޖެހޭ މުހިއްމު ކަމެއް ކަމުގައި ދެކެން. ކުރިއަށް އޮތް ތަނުގައި ކަމާ ބެހޭ ފަރާތްތަކާ، މިދެންނެވީ ސިވިލް ސޮސައިޓީ ކަމާ ގުޅޭ ޖަމްއިޔްޔާ ޖަމާއަތްތަކާ މަށްވަރާކޮށް އާއްމު ރައްޔިތުންގެ ހިޔާލާއި މަށްވަރާއާއެކު ކަމާ ގުޅޭ ގާނޫނުތަކާ އަޅަންޖެހޭ ފިޔަވަޅުތަކެއް، ސޯށަލް މީޑިޔާގެ ބައެއް އެޕްތައް އުމުރުން 16 އަހަރުން ދަށުގެ ކުދިންނަށް ބޭނުންނުކުރެވެ ގޮތަށް ހަމަޖައްސަން ފިޔަވަޅުތަކެއް އަޅަން ގަސްތުކުރަން," ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި އެކަމުގައި އޮސްޓްރޭލިއާއިން އަޅާފައިވާ ފިޔަވަޅުތަކަކީ ނަމޫނާއެއް ކަމުގައި ދެކެވަޑައިގަންނަވައެވެ. ރައީސް ވިދާޅުވީ އޮސްޓްރޭލިއާއިން އެކަމުގައި އަޅާފައިވާ ފިޔަވަޅުތަކުގެ އަލީގައި ގާނޫނައް ގެންނަންޖެހޭ ބަދަލުތަކާއި، ސޯށަލް މީޑިޔާ ކުންފުނިތަކާ މުއާމަލާތްކުރުމުގައި އޮސްޓްރޭލިއާއިން ތައާރަފުކުރި މިންގަންޑުތައް ރާއްޖެއަށް ތައާރަފުކުރެވޭ ގޮތްތަކެއް ހޯދުމުގެ މަސައްކަތްތައް ކުރިއަށްގެންދަވަން ނިންމަވާފައިވާނެ ކަމަށެވެ.
ރައީސް ވިދާޅުވީ ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި އެކަމުގައި ކުރަންޖެހޭ މަސައްކަތްތައް ކުރައްވައި، މި އަހަރު ނިމުމުގެ ކުރިން އެ ފިޔަވަޅު ތަންފީޒުކުރެވެ މަރުހަލާއަށް ގެންދެވުމަކީ އެމަނިކުފާނުގެ އަމާޒު ކަމަށެވެ.
މި ނިންމުމަކީ އެއްވެސް ހާލެއްގައި ޑިޖިޓަލައިޒޭށަނާ ދުރަށް ދިއުން ނޫންކަމަށާއި، ޑިޖިޓަލް މަންސަތަކުން މައުލޫމާތު ހޯދުމު ފަދަ ކަންކަންނަށް އެއްވެސް ހުރަހެއް ނޭޅެނެހެން މި ފިޔަވަޅު ތަންފީޒުކުރާނީ ޒުވާނުންނާއި ކުޑަކުދިން ނުރައްކާތެރި ކޮންޓެންޓުތަކުން ސަލާމަތްކުރުމަށް ކަމުގައި ރައީސް ވިދާޅުވިއެވެ.